މާލެ، ނޮވެމްބަރު 2، 2021 – ވާލްޑް ބޭންކުގެ އިސް ވެރިންގެ ވަފުދެއް ދިވެހިރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ޒިޔާރަތެއް މިއަދު ނިންމަވާލައްވައިފި އެވެ. މި ދަތުރުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ އިތުރަށް، ތިމާވެއްޓާ ރަށްޓެހި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންނަށް އޭގެ ލާބަ އާއި މަންފާ ކުރާނެ ފަދަ އިގްތިސާދެއް ބިނާކުރުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން ހިފުމުގައި ވާލްޑް ބޭންކުން އެހީތެރިތެރިވުމުގައި ދެމިއޮންނާނެކަން ފާހަގަކުރެއްވި އެވެ.
މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ހާޓްވިގް ޝޭފާ، ވާލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް؛ ޑރ. މެރްޒާ ހަސަން، ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުގެ ޑީން އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެގްޒެކެޓިވް ޑިރެކްޓަރު؛ ހެކްޓާ ގޯމޭޒް އެންގް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު؛ އަދި، ފާރިސް ހަދާދު-ޒާވޯސް، ވާލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރެވެ.
ރާއްޖޭގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، މި ވަފުދުން ވަނީ މިނިސްޓަރ އޮފް ފައިނޭންސް އަލްފާޟިލް އިބްރާހިމް އަމީރު؛ މިނިސްޓަރ އޮފް ނެޝެނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ އަލްފާޟިލް މުހައްމަދު އަސްލަމް؛ އަދި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އުސްތާޛް ފައްޔާޒް އިސްމާއިލްއާ ބައްދަލުކުރައްވާފަ އެވެ.
ކޮވިޑް-19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކަށް، ހާއްސަކޮށް ބާރު ސްޕީޑެއްގައި ވެކްސިން ޖެހުން އަދި އާންމު ފަރުދުންގެ ދިރިއުޅުން ހިމާޔަތްކޮށް، އިގްތިސާދު އަލުން އާރާސްތުކުރުމަށް ދެމުން އަންނަ އަހައްމިއްޔަތުކަމަށް، ތައުރީފުކުރައްވަމުން، ޑރ. މެރްޒާ ވިދާޅުވީ: "ސިއްހީ އަދި އިގްތިސާދީ ދާއިރާއަށް ވާލްޑް ބޭންކުން ވެދިން އެހީތެރިކަމާ އެކު، ރާއްޖެއަށް ވަނީ މި ބަލިމަޑުކަމާ ދެކޮޅަށް އެދެވޭ ގޮތެއްގައި މަސައްކަތްކޮށް، ދެމެހެއްޓެނިވި އަދި އެންމެންނަށް އޭގެ ލާބަ އާއި މަންފާ ކުރާނެ އިގްތިސާދެއް އަލުން އާރާސްތުކުރުމުގެ މަގުކޮށައިދޭން ބާރަކަށްވެފައި. ހިދުމަތްތަކަށް ބިނާވެފައިވާ ވަރުގަދަ އިގްތިސާދެއް ރާއްޖޭގައި ބިނާކުރުމަށްޓަކައި ވާލްޑް ބޭންކް ގްރޫޕުގެ އެހީތެރިކަން ހޯދައިދޭން މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދުކުރަން."
މި ދަތުރުގައި ބޭއްވުނު ބައްދަލުވުންތަކުގައި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމާއި އިގްތިސާދު ފުޅާކުރުން އަދި ޑިޖިޓަލް ތަރައްގީއަކަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. ހަމަ އެއާ އެކު، ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށާއި ދައުލަތުގެ މާލިއްޔަތުން ސިއްހަތާއި ތައުލީމު ފަދަ އާންމު ހިދުމަތްތައް ހަރުދަނާކުރުމަށް ހޭދަކުރުމަށްޓަކައި ދައުލަތުގެ ބަޖެޓަށް ކުރިމަތިވެފައިވާ ބުރަ ކުޑަކުރުމަށްޓަކައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ވެސް ފާހަގަކޮށްފައިވެ އެވެ.
ވާލްޑް ބޭންކުގެ މަންދޫބުން ވަނީ، ސަރުކާރާއި ކަމާ ބެހޭ މާހިރުންގެ އިތުރުން، އަންހެން އަދި ޒުވާން ވިޔަފާރިވެރިންނާ އެކު ޑިޖިޓަލް ތަރައްގީއާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް އާންމުވެފައިވާ މިންވަރާއި ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވެފައިވާ ރާއްޖޭގެ ޒުވާން އާބާދީގެ ބޭނުން ހިފައިގެން އެ ޓެކްނޮލޮޖީތަކުން ލިއްބައިދޭ ފުރުސަތުތަކުގެ ބޭނުން ހިފުމުގައި ރާއްޖެއަށް އެހީތެރިވެދޭން ވާލްޑް ބޭންކުން ތައްޔާރަށް އޮތްކަން މި ހަރަކާތުން ހާމަވަގެންދިޔަ އެވެ.
"ޑިޖިޓަލް ތަރައްގީ މިހާރަށް ވުރެ ފުޅާކޮށް، އޭގެ ބޭނުން ހިފައިގެން އިގްތިސާދު ކުރިއަރުވައި މުސްތަގުބަލަށް ވަޒީފާގެ ފުރުސަތުތައް އުފައްދިނުމަށްޓަކައި ގާނުނުތަކާއި ސިޔާސަތުތައް އަދި ގަވާއިދުތައް އެކުލަވާލުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން،" ޝޭފާ ވިދާޅުވި އެވެ. "އެންމެހާ ދިވެހިންގެ – ހާއްސަކޮށް އަންހެނުންނާއި ޒުވާނުންގެ – ކިބައިގައި ޑިޖިޓަލް ހުނަރުތައް އަށަގަންނުވައި އެ ފަރާތްތަކުން އިގްތިސާދުގައި ބައިވެރިވެ، ދުނިޔޭގެ އެހެން ގައުމުތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ވާލްޑް ބޭންކުން ތާއީދުކުރަން."
އަމިއްލަ ވިޔަފާރިތަކުގެ މަންދޫބުންނާ އެކު ވެސް ބައްދަލުވުންތައް ބާއްވާފައިވެ އެވެ. އަދި މާލޭން ބޭރުގައި، ޝޭފާ ވަނީ، އުކާލާ ޕްލާސްޓިކް ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ މަރުކަޒަކަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ. އެއީ ތިމާވެށީގެ ކަންކަމުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕާލޭ މޯލްޑިވްސް އިން ހިންގާ ތަނެކެވެ.
-ނިމުނީ-