މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ. މި މަޝްރޫއުގެ ދަށުން، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައްވެސް ވަރުގަދަކުރެވިގެންދާނެ އެވެ.
މި މަޝްރޫއުގައި މައިގަނޑު ގޮތެއްގައި އެކުލިވިގެންވަނީ، ސަރުކާރުން ތަޢާރަފްކޮށްފައިވާ 'ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމް' އަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ. އެގޮތުން، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެވެ. މީގެ ސަބަބުން، ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ޚަރަދުތައް ފޫބެއްދުމަށް އެހީތެރިކަމެއް ލިބިގެންދާނެ އެވެ. އަދި ރާއްޖޭގައި، ވަކިން ޚާއްސަކޮށް ތޮއް ޖެހިފައިވާ މާލެ ސިޓީގައި، ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ގޭގައި ތިބުމަށް އެހީއަކަށް ވެގެން ދާނެ އެވެ.
"ފަތުރުވެރިކަމުން ސިނާއަތުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިއުމާއި ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ގިނަ ޚަރަދުތަކެއް ކުރަންޖެހިފައިވުމުގެ ސަބަބުން، އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ފަރާތްތަކަށް ވަކިން ޚާއްސަކޮށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައި. އެ ފަރާތްތަކުގެ ވަޒީފާ ނުވަތަ އާމްދަނީ ވަނީ ގެއްލިގެން ގޮސްފައި،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ. "މި މަޝްރޫއަކީ، އެންމެ ބޮޑަށް އެހީ އަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް ފައިސާގެ އެހީ އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ. ހަމަ އެއާއެކު، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކާރިޡާއަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމް ހަރުދަނާ ކުރެވިގެންދާނެ."
މި މަޝްރޫއުގެ ދަށުން، އިންކަމް ސަޕޯޓް އެލަވެންސާއި ސަރުކާރުން ދޭ އެހެނިހެން ފައިސާގެ އެހީތައް ފޯރުކޮށްދިނުމުގެ ޤާބިލްކަން އިތުރުކުރެވިގެންދާނެ އެވެ. ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މިފަދަ އެހީތެރިކަން ފޯރުވައިދެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކައުންސިލްތަކަށް އިތުރު މަޞްޢޫލިއްޔަތުތައް ދިނުމުގެ ގޮތުން އިދާރީ ކަންކަން ހަރުދަނާ ކުރެވޭނެ އެވެ. ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ޚާއްސަ މުޅިން އާ އިންޝުއަރެންސް ޕްރޮގްރާމެއް ތަޢާރަފްކުރެވި، ވަރަށް ތަފްޞީލީ ގޮތެއްގައި އެކަށައެޅޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޤައުމީ އޮނިގަނޑެއް އެކުލަވާލެވޭނެ އެވެ. މީގެ އިތުރުން، މިހާރު ހުރި ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އެފަދަ އެހެނިހެން ޕްރޮގްރާމްތަކުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ޕްރޮގްރާމްތައް މުރާޖަޢާކުރެވޭނެ އެވެ.
"ދަތި ދުވަސްތައް ކުރިމަތިވުމުން މީހުން ފަޤީރުކަމަށް ހުށަހެޅިގެން ނުދާނެކަން ކަށަވަރުކުރުމަށް، ހުރިހާ ދިވެހިންނަށް ފައިދާކުރާ ރައްކާތެރިކަމުގެ ނިޒާމުތަކެއް ޤާއިމްވެފައި ހުރުމުގެ މުހިންމުކަން މިހާރު ކުރިމަތިވެފައި މިވާ ކާރިޡާ އިން ދައްކުވައިދީފި،" ސީނިއާ އިކޮނޮމިސްޓް އަދި މި މަޝްރޫއަށް ވާލްޑް ބޭންކުން ކަނޑައަޅާފައިވާ ޓާސްކް ޓީމް ލީޑަރު ތޯމަސް ވޯކާ ވިދާޅުވި އެވެ. "މި މަޝްރޫއުގެ ދަށުން، އެހީތެރިކަމަށް ބޭނުންވާ ކޮންމެ ދިވެއްސަކަށް އޭގެ ފައިދާ ކުރާނެ ފަދަ ދެމެހެއްޓެނެވި އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކެއް އެކަށައެޅިގެންދާނެ."
އަލަށް ހިންގޭ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 12.8 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްޤީވަމުން އަންނަ ޤައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ވާލްޑް ބޭންކުން ރާއްޖެ އަށް ދެމުންގެންދާ އެހީތެރިކަން
ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވާލްޑް ބޭންކުން ވަނީ ރާއްޖެ އަށް ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ކުރިމަތިވާ ކާރިޘާތަކާއި ކުއްލި ޙާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަންވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ.
ކޮވިޑް-19 އާ ދެކޮޅަށް ވާލްޑް ބޭންކް ގްރޫޕުން ދެމުންގެންދާ އެހީތެރިކަން
ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް އިދާރާ ކަމަށްވާ ވާލްޑް ބޭންކް ގްރޫޕުން އަންނަނީ، މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތައް ވަރުގަދަކުރުމަށް ތަރައްޤީވަމުން އަންނަ ވަރަށް ފުޅާދާއިރާއެއްގައި އަދި އަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޞިއްހީ ދާއިރާ އަށް އެހީތެރިވުމަށް ކޮންމެހެން ބޭނުންވާ އާލާތްތަކާއި ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، ވަޒީފާތައް ހިމާޔަތްކުރުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ވެސް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 15 މަސްދުވަހަށް ބެހިގެންދާ ގޮތަށް ވާލްޑް ބޭންކް ގްރޫޕުން 160 ބިލިއަން ޑޮލަރާ ހަމައަށް އެހީތެރިވެދޭނެ އެވެ. މި އެހީގެ ބޭނުމަކީ، ފަޤީރުންނާއި އަޅާލުން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދީ، އަދި އިޤްތިޞާދު ކޮޅަށް ޖެހުމެވެ. މީގެ ތެރޭގައި، ހިލޭ އެހީ އާއި ލުއި ގޮތްތަކެއްގެ މަތިން ދޫކުރެވޭ ލޯނު ހިމެނޭ ގޮތަށް، އައިޑީއޭ އިން ފޯރުވައިދޭ އިތުރު 50 ބިލިއަން ޑޮލަރުވެސް ހިމެނެ އެވެ.